އަލްފާޟިލް ޢަބްދުﷲ ފާރޫޤް ޙަސަން ލިޔުއްވާފައިވާ 49 ފޮތުގެ އޯޑިއޯ ފޮތް އުފެއްދުމުގެ ހުއްދަ އައިޔޫއެމް ލައިބްރަރީއަށް ލިބިއްޖެއެވެ

IUM Library getting Permission to produce audio books of 49 books written by Mr. Abdullah Farooq Hassan

11 hours ago

-

އަލްފާޟިލް ޢަބްދުﷲ ފާރޫޤް ޙަސަން ލިޔުއްވާފައިވާ 49 ފޮތެއްގެ އޯޑިއޯ ފޮތް ތައްޔާރުކުރުމުގެ ހުއްދަ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުތުބުޚާނާއަށް ދެއްވުމާ ގުޅިގެން، އެކަމުގެ ޚާއްޞަ ޙަފްލާއެއް މިއަދު ބާއްވައިފިއެވެ.

މި ޙަފްލާގައި ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރުގެ އިތުރުން ޔުނިވަރސިޓީގެ މުވައްޒަފުން، އަދި އަލްފާޟިލް ޢަބްދުﷲ ފާރޫޤް ޙަސަން އާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޔުނިވަރސިޓީގެ ދަރިވަރުންނަށް (ޚާއްޞަކޮށް ލޯފަން ދަރިވަރުންނަށް) އޯޑިއޯ ބުކްސްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ލައިބްރަރީގެ ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެކެވެ. އެގޮތުން މި ޙަފްލާގައި، އަލްފާޟިލް ޢަބްދުﷲ ފާރޫޤް ޙަސަން ވަނީ އޯޑިއޯ ފޮތް ތައްޔާރުކުރުމުގެ ހުއްދަ ރަމްޒީގޮތުން އަރުވާފައެވެ. އަދި މި އަގުހުރި ޢިލްމީ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން، އެމަނިކުފާނަށް ވަނީ ހަނދާނީ ލިޔުން އަރުވާފައެވެ.

ލިޔުންތެރިކަމުގެ ދާއިރާގައި 54 އަހަރު ހޭދަކުރައްވާފައިވާ އަލްފާޟިލް ޢަބްދުﷲ ފާރޫޤް ޙަސަން ވަނީ މިހާތަނަށް 62 ފޮތް ޝާއިޢުކުރައްވާފައެވެ. އަދި ޗާޕްކުރުމަށް 23 ފޮތެއް ތައްޔާރުވެފައިވާއިރު، އިތުރު 9 ފޮތެއްގެ މަސައްކަތް މިހާރުވެސް ދަނީ ކުރައްވަމުންނެވެ. އެމަނިކުފާނު ލިޔުއްވާފައިވާ ފޮތްތަކުގެ ތެރޭގައި އިސްލާމީ ތާރީޚް، ކީރިތި ރަސޫލާ صـلّى الله علـيـه وسـلّمގެ ސީރަތު، ޚަލީފާއިންނާއި ޞަޙާބީންގެ ސީރަތު، އިސްލާމީ ދުނިޔޭގެ މުހިންމު ޝަޚްޞިއްޔަތުތަކުގެ މަޢުލޫމާތު އަދި ޤުރްއާނުގެ މަތިވެރިކަމާ ގުޅޭ އަގުހުރި ފޮތްތައް ހިމެނެއެވެ.